މަޑަވެލި ޤުރުއާން މުބާރާތް 2016 ނިމި އަތޮޅު ޤުރުއާން މުބާރާތުގައި ބައިވެރިކުރާނެ ބައިވެރިން ހޮވައިފިއެވެ. އަތޮޅު ޤުރުއާން މުބާރާތުގައި ބައިވެރިވާނެ ބައިވެރިން ގެ ނަންތައް އިޢުލާންކޮށްފައިވަނީ 25 ޖޫން 2016 ވީ ހޮނިހިރު ދުވަހު ބޭއްވުނު މަޑަވެލި ޤުރުއާން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައެވެ.މުބާރާތުގެ ބަލައިގެން ކިޔެވުމާއި ހިތުން ކިޔުމުގެ ދެގޮފީގެ ތެރެއިން ކޮންމެ ގޮތްޕެއްގައި ހިމެނޭ ބައިތަކުގެ ތެރެއިން ކޮންމެ ބައެއްގައި އަންހެން ބައިވެރިއަކާއި، ފިރިހެން ބައިވެރިއަކަށް ބައިވެރިވުމުގެ ފުރުޞަތު ލިބިފައިވާއިރު، މުބާރާތުގެ ނުބަލައި ކިޔުމުގެ ގޮފީގެ ދެ ބައެއްގައި ބައިވެރިން ބައިވެރިވެފައި ނުވުމުގެ ސަބަބުން ދެގޮފީގެ ހުރިހާ ބަޔަކުން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބުނު ނަމަވެސް ބައިވެރިން ބައިވެރިވެފައިވާ ދާއިރާތަކުން އެންމެމަތިން މާރކްސް ހޯދައިގެން 07 ކުއްޖަކު ވަނީ އަތޮޅު ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހޯދާފައެވެ. މިމުބާރާތުގެ ބައިވެރިވި ކޮންމެ ބައިވެރިއަކަށް ބައިވެރިވިކަމުގެ ހަނދާނީލިޔުން ދެއްވާފައިވާއިރު، މުބާރާތުގައި ބައިވެރިވި ކޮންމެ ލެވެލް އަކުން 1ވަނަ 2ވަނަ އަދި 3 ތިންވަނަ ހޮވައި ތައްޓާއި ހަނދާނީ ލިޔުން ދެއްވާފައިވާއިރު، މުޅިމުބާރާތުން ދެގޮފި އެއްކޮށް 1 ވަނަ، 2 ވަނަ، އަދި 3ވަނަ ވަނީ ހޮވާފައެވެ. އެގޮތުން 01 ވަނަ ހޯދާފައިވަނީ ގދ.މަޑަވެލި އަޅިވިލާގެ މަރްޔަމް މަޢީޝާ މުޙައްމަދު މުނީރިއެވެ. 02 ވަނަ ހޯދާފައިވަނީ ގދ.މަޑަވެލި މިޔަހެލި މަރްޔަމް މަނާލް ހިލްމީ އަދި 03 ވަނަ ހޯދާފައިވަނީ ގދ. މަޑަވެލި އޭސިއާ ޢާއިޝަތު އަނާ އަދީބުއެވެ. މިޖަލްސާގެ ޝަރަފުވެރި މެހެމާނަކީ މުބާރާތުގެ އިސް ފަނޑިޔާރު ކަމުގައިވާ މަދަރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ޕްރިންސިޕަލް އައްޝައިޚް ނަޞްރުﷲ މުޞްޠަފާއެވެ.