މަޑަވެލި ޤުރުއާން މުބާރާތް 2016 ގެ ކިޔެވުން 22 ޖޫން 2016ގެ 14:00 ގައި މަޑަވެލި ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ފަށައިފިއެވެ. މިމުބާރާތުގެ ކިޔެވުން ކުރިއަށްދާނީ 22 ޖޫން 2016 އިން 23 ޖޫން 2016 އަށް ދެދަންފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން މެންދުރުފަހުގެ ދަންފަޅީގެ ކިޔެވުން ފެށޭނީ 14:00ން 15:30އަށް އަދި ހަވީރު ދަންފަޅީގެ ކިޔެވުން ފެށޭނީ 16:00ން 17:00 އެވެ. މިމުބާރާތަކީ ޤައުމީ ޤުރުއާން މުބާރާތަށް ބައިވެރިން ހޮވުމަށްޓަކައި އަތޮޅު ކައުންސިލުން އިންތިޒާމްކޮށް ކުރިއަށްގެންދަން ހަމަޖެހިފައިވާ އަތޮޅު ޤުރުއާން މުބާރާތް 2016 އަށް ބައިވެރިން ހޮވުމަށްޓަކައި ރަށުފެންވަރުގައި ބާއްވާ މުބާރާތެކެވެ. މިމުބާރާތް ހުޅުވާލެވިފައިވަނީ ގދ. މަޑަވެލީގެ ރައްޔިތުންގެ ތެރެއިން މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހަޅުއްވި ފަރާތްތަކަށެވެ.

މިގޮތުން މަޑަވެލި ކައުންސިލުން ހުޅުވާލި މުއްދަތުގައި މުބާރާތުގައި ބައިވެރިވުމަށް އެދި ބަލައިގެން ކިޔެވުމުގެ ގޮފިންނާއި، ނުބަލާ ކިޔެވުމުގެ ގޮފިން ޖުމްލަ 42 ބައިވެރިން ފޯމް ހުށަހަޅުއްވާފައިވާއިރު، މުބާރާތުގެ ކިޔެވުން ކުރިއަށްދާނީ ބައިވެރިން ބައިވެރިވެފައިވާ އުޞޫލުން 5 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެގޮތުން ފޮތުން ކިޔެވުމުގެ ބައިން ވިދިވިދިގެން 10 ފޮތް ވިދިވިދިގެން 20 ފޮތް އަދި ޚަތިމްއެއްކޮށް ހިތުން ކިޔެވުމުގެ ބައިން ވިދިވިދިގެން 5 ފޮތް، ވިދިވިދިގެން 10 ފޮތް، ވިދިވިދިގެން 20 ފޮތެއެވެ.

މިމުބާރާތުން އަތޮޅު ޤުރުއާން މުބާރާތުގައި ބައިވެރިވާނެ ދަރިވަރުން ހޮވާނީ، މިމުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިންނާއި، ނުބަލާ ކިޔެވުމުގެ ގޮފީގައި ބައިވެރިވެ ކިޔެވި ބައިވެރިންގެ ތެރެއިން ކޮންމެ ކެޓަގަރީއަކުންވެސް އެންމެމަތީ މާރކްސް ހޯދި އަންހެން ބައިވެރިއަކާއި ފިރިހެން ބައިވެރިއެކެވެ.