މަސްޖިދުލް ބަރަކާތު އެއަރކަންޑިޝަން ކުރުމަށް ރައްޔިތުން އެދެމުންދާތީ މިކަމަށް ވިޔަފާރިވެރިންނާއި ރަށުގެ ތަނަވަސް ފަރާތްތަކުން ހޭދަކޮށްފި ނަމަ ކުރެވިދާނެ ކަމެއްކަމަށް ކައުންސިލަށްފެންނާތީ، ކައުންސިލްއިން ރައްޔިތުންގެ ޚިޔާލު ހޯދުމަށް 01 އެޕްރީލް 2016 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޑަވެލި ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލުގައި ބައްދަލުވުމެއްބާއްވައިފިއެވެ. ރަށުގައި ވިޔަފާރިކޮށްއުޅުއްވާ އެންމެހާ ފަރާތްތަކަށް ދަޢުވަތު ދެއްވައިގެން ބޭއްވި މިބައްދަލުވުމުގައި، މިސްކިތް އެއަރކޮންޑިޝަން ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތަކާއި މެދު ފުޅާ ދާއިރާއެއްގައި ބަހުސްކުރެވުނެވެ. އެގޮތުން މިމަސައްކަތަށް ބޭނުންވާނޭ ތަކެއްޗާއި ހިނގާނޭ ޚަރަދާއި އެޚަރަދު ހޯދާނޭ ގޮތްތަކާއި މެދު މަޝްވަރާކުރެވުނެވެ. މިމަސައްކަތަށް އެހީތެރިވުމުގައި ކަމަނަ ދޯނި އަދި ގެލެރީ ވިޝަން ދޯނީގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލެއްވުމެއް ލިބޭނެ ކަމުގެ ޔަޤީންކަން މިބައްދަލުވުމުގައި ލިބިގެން ދިޔައެވެ.  އިތުރަށް މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި އެއަރކަންޑިޝަން ކުރުމަށްފަހު ދެމެހެއްޓެނިވި ގޮތުގައި ކަރަންޓްބިލް ދައްކާނީ ކިހިނެތްތޯ މިބައްދަލުގައި މަޝްވަރާކުރެވުނެވެ. މިގޮތަށް މަޝްވަރާކުރެވުނީ އެއަރކަންޑިޝަން ކޮށްފައިވާ މިސްކިތެއްގެ ކަރަންޓްބިލާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހަވާލުނުވާ ވާހަކަ މަޝްވަރާތަކުގައި ފާހަނގަކުރެވިގެންނެވެ. ތަފާތު ޚިޔާލުތައް ކައުންސިލަށް ހުށަހެޅުނެވެ. ބަރަކާތު މިސްކިތް އެއަރކަންޑިޝަން ކުރުމަށް ކަމުގެ މާހިރެއްގެ ލަފާހޯދުމަށް މީހަކު ގެނެސްދެވިދާނެކަމަށް  އެޕެޓައިޒަރ ގެ ފަރާތުން އިސްމާޢީލް މުޙައްމަދު ދެންނެވިއެވެ. ބައްދަލުވުން ނިމުނީ ކަމާއިގުޅުންހުރި މަޢުލޫމާތު ހޯދުމަށް ފަހު  މިމަހުގެ 7ވަނަ ދުވަހުގެ ރޭ 8:30ގައި ރައްޔިތު ބައްދަލުވުމެއް ބޭއްވުމަށް ނިންމުމަށް ފަހުއެވެ. އަދި ހަމައެހެންމެ މިބައްދަލުވުމަށް މަޑަވެލީގެ ރައްޔިތުންގެ ގޮތުގައި ޙާޒިރު ވެފައިވަނީ އެންމެ 8ބޭފުޅުން ކަމަށްވާތީ ދެން އޮންނަ ބައްދަލުވުމަކަށް އެއަށްވުރެ ގިނަ ބޭފުޅުން ގެނައުމަށާއި މިކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށް މަސައްކަތް ކޮށްދިނުމަށް  ބައްދަލުވުމުގެ ބައިވެރިންގެ ކިބައިން ކައުންސިލުން އެދިފައިވެއެވެ. މިމަސައްކަތަކީ ކައުންސިލުން ކުރަން ކޮންމެހެންވެސް މުހިއްމު މަސައްކަތެއް ކަމަށާއި މިކަމަށް ވެވުނު އެހީތެރިކަމަކާއި އެއްބާރުލުމެއް ދެއްވާނެކަމަށް ބައްދަލުގެ ބައިވެރިން ދެންނެވިއެވެ.