ފޭސްބުކް

ޓްވިޓާ

އިޝްތިހާރު ކުރެއްވުމަށް ކައުންސިލްގެ ފޯނު ނަމްބަރު 6840006 އަށް ގުޅުއްވާ. އިޝްތިހާރުތައް ފެންނާނީ ހަމައެކަނި ކޮމްޕިއުޓަރ ބްރައުޒާތަކުން.

ރަށުގެ ތަޢާރަފް

މަޑަވެއްޔަކީ ކާޑެއްދޫ ކަޑުން ފެށިގެން ފިޔޯރީ ކަނޑާ ހަމައަށް ގިނަ ޢަދަދެއްގެ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ރާއްޖޭގައި އޮތް އެންމެ ދިގުފަރުގެ އުތުރުކޮޅުން ކާޑެއްދޫ ކަނޑުގެ ކަނޑުއޮޅީގައި މައިކަނޑާއި ގުޅިފައިވާ މައިފަރުގެ ރަށެކެވެ. ގދ. އަތޮޅުގެ ކާޑެއްދޫ އެއަރޕޯޓާއި އެންމެކައިރީގައި އޮތް މީހުން ދިރިއުޅޭ ރަށަކީ މަޑަވެލިއެވެ. މަޑަވެއްޔަކީ ޒަމާނުއްސުރެންވެސް މަސްވެރިކަން ކުރަމުން އަންނަ މަސްވެރި ރަށެކެވެ. މަޑަވެލީގައި ދިރިއުޅޭ މީހުން އާމްދަނީ ހޯދުމަށް ކުރާ މައިގަޑު މަސައްކަތަކީ މަސްވެރިކަމެވެ. ކާޑެއްދޫ އެއަރޕޯޓް ވަޒީފާގެ އިތުރުން ސަރުކާރުގައި ވަޒީފާއާއި ރިސޯޓްތަކުގެ ވަޒީފާއިން ރަށަށް އާމްދަނީ ލިބޭއިރު ރަށަށް ލިބޭ އާމްދަނީގެ ބޮޑުބައެއް އަތޮޅުގެ ވެރިރަށް ތިނަދުއަށް ޚަރަދު ކުރެއެވެ. ތިނަދުއިން ކާޑުގެ ބާވަތްތަކަށާއި ގެދޮރުގެ ސާމާނާއި، ތަކެތި ގަތުމަށް ގިނަ ޢަދަދެއްގެ ފައިސާ ހޭދަކުރެއެވެ. މަޑަވެއްޔަކީ ތިމާވެށީގެ ގޮތުން ނާޒުކު ރަށްގިރުމާއި އުދައެރުން ގިނަ ރަށެކެވެ. ނަރުދަމާ ނިޒާމެއް ނެތުމުގެ ސަބަބުން ބިމުގެ ފެންފަށަލަ ތަޣައްޔަރުވެފައިވާ ރަށެކެވެ. ރަށުގެ އާބާދީއާއި އެކަށޭނަ މިންވަރަށް ބިންނެތުމުގެ ސަބަބުން ތޮއްޖެހުމާއި ކުރިމަތިލާން ޖެހިފައިވާ ރަށެކެވެ. ރަށުގެ ބޮޑުމިނަކީ 30.95 ހެކްޓަރއެވެ.  ދިގުމިނުގައި 0.74 ކިލޯމީޓަރ ހުރެއެވެ. ފުޅާ މިނުގައި 0.57 ކިލޯމީޓަރ ހުރެއެވެ. ރަށުގެ މީހުން ވާހަކަ ދައްކައި އުޅެނީ ހުވަދޫ ބަހުންނެވެ. މަޑަވެލި އަކީ ހުވަދުއަތޮޅުގެ އާބާދީގެ ނިސްބަތުން ތިނަވަނައަށް އެންމެ މީހުންގިނަ ރަށެވެ. 2015 ވަނަ އަހރު ނިމުނުއިރު ރަށުގެ އާބާދީއަކީ 1862 މީހުންނެވެ. 18 އަހަރުން ދަށުގެ 620 ކުދީން ތިބިއިރު 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންގެ ޢަދަދު 733 އަށް އަރާއިރު 36 އަހަރާއި 64 އަހަރާއި ދެމެދު 428 މެދު ޢުމުރުގެ މީހުން އެބަތިއްބެވެ. 65 އަހަރުން މަތީ ދޮށީއުމުރުގެ 81 މީހުން އެބަތިއްބެވެ.

ރަށުގެ 273 ގޭގައި މީހުން ދިރިއުޅޭއިރު 76 ގޭގައި މީހުން ދިރިނޫޅެއެވެ. ރަށުގައި 02 މިސްކިތް ހުރެއެވެ. 01 ސިއްޙީ މަރުކަޒު ހުރެއެވެ. 01 ސުކޫލާއި 01 މެޖިސްޓްރޭޓް ކޯޓް ހުރެއެވެ. ރަށުގައި ހަރަކާތްތެރިވާ 01 ޖަމްޢިއްޔާ އޮވެއެވެ.

މިރަށާއި އެންމެ ކައިރީގައި އޮންނަ މީހުން ދިރިއުޅޭ ރަށަކީ ހޯޑެއްދޫއެވެ. ހޯޑެއްދޫއަށް މޫދަށް އެރި ހިގާފައި 7 މިނިޓުން ދެވެއެވެ.